މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކުރިއަށްގެންދާ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހާމަކޮށްފިއެވެ.
އެމްއޭސީލްއިން މި މަސައްކަތް ކޮންޓްރެކްޓްކޮށްފައި ވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ސީއެމްސީސީއާ ހަވާލުކޮށްގެންނެވެ. އަދި މަޝްރުޢޫގެ ބިން ހިއްކުމުގެ މަސައްކަތް ގެންދަނީ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެންނެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއޭސީއެލް އިން ބުނީ އެ ފަޅުން ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަަމަށާއި، މިހާރު ވަނީ އެ މަސައްކަތުގެ 68.8 އިންސައްތަ ފުރިހަމަކުރެވިފައި ކަމަށެވެ.
ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކުއީން އޮފް ނެދަލޭންޑްސް" ބޭނުންކޮށްގެންނެވެ. އެ ފަޅުގެ ބައެއް ސަރަޙައްދަކީ ވަރަށް ފުން ސަރަޙައްދުތަކެއް ކަމަށް ވާއިރު ބިން ހިއްކުމުގައި ގޮންޖެހުންތައް ހުރިނަމަވެސް، މަޝްރޫޢުގެ މަސައްކަތްތައް ވަރަށް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެމްއޭސީއެލްއިން މިދިޔަ ފެބްރުއަރީ މަހު އެ މަސައްކަތާއި ހަވާލުވެ، ހިއްކަމުންދަނީ މަސައްކަތުގެ ނުނިމިވާ 97.15 ހެކްޓަރުގެ ބިމެވެ. މިދިޔަ ސަރުކާރު ނިމުނިއިރު އެ ފަޅުން ހިއްކާފައި އޮތީ 70 ހެކްޓަރެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، މި އަހަރުގެ ތެރޭގައި އެ ތަން އެއްކޮށް ހިއްކައި ނިމޭނެ ކަމަށެވެ.