މ. މުއްޔަށް މަސްތުވާތަކެތި އުފުލައިދޭ ކަމުގެ ތުހުމަތުގައި، މަސްތުވާތަކެއްޗާ އެކު، އަންހެނަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު، ނިއުމާ، ފާތިމަތު ސަނާ ހުސެއިން، 31، އެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ލިބުނު އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން އޭނާ ހުއްޓުވައި ފާސްކުރި އިރު އޭނާގެ ލަގެޖު ފޮށި ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިގެންނެވެ. ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ތަކެތީގެ ބަރުދަނުގައި 31.17 ގްރާމް ހުއްޓެވެ.
ކޯޓު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައި ވަނީ އިތުރު މީހުނާއި ގުޅިގެން މ. މުއްޔަށް، އޭނާ މަސްތުވާތަކެތި އެތެރެކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަމަށެވެ. އަދި އެ ހާދިސާގައި ފެނިފައިވާ މަސްތުވާތަކެތީގެ މައުލޫމާތު ވެސް އޭނާއަށް ލިބިފައިވާކަން ހޯދިފައިވާ ކަމަށާއި މަސްތުވާތަކެތީގެ އެކި މުއާމަލާތްތައް އޭނާ ކުރާކަން ވެސް ފޯނުގައި ހުރި މައުލޫމާތުން އެނގޭ ކަމަށް ފުލުހުން ބުނެއެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ފުލުހުން، އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުން އަދި ޓްރެފިކް ކުރުމުގެ ތުހުމަތެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
އެ މައްސަލާގައި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހަފާއި ވަނީ 10 ދުވަހެވެ.