އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ކުރިޔަށް އޮތް ދެ ހަފްތާތެރޭގައި ދިރާސާކޮށް ނިންމުމަށް އެމަސައްކަތްކުރަމުން އަންނަ ބަޖެޓް ދިރާސާކުރާ ކޮމިޓީން ނިންމައިފިއެވެ.
އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތަކާމެދު މަޝްވަރާކުރުމަށް މިއަދު ބޭއްވި އެކޮމިޓީ ބައްދަލުވުމުގައި ބަޖެޓް ދިރާސާކޮށް ނިންމާނެ ސުންގަޑިއެއްގެ ގޮތުގައި ނޮވެމްބަރ 19 ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރ މުހައްމަދު މަމްދޫހެވެ. އެހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރ އަހުމަދު އައިފާނެވެ.
މީގެއިތުރުން ބަޖެޓާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާ ބައްދަލުކުރުމަށް 9 ނޮވެމްބަރ ވާ ހޯމަ ދުވަސް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ބަޖެޓާ ގުޅޭގޮތުން ގާނޫނީ ގޮތުން ލާޒިމްކޮށްފައިވާ ގޮތަށް އެމްއެމްއޭގެ އާއި އޮޑިޓަރ ޖެނެރަލްގެ ލަފާ ހޯދުމަށް އެ ދެ ފަރާތާ ބައްދަލުކުރާނެ ދުވަހެއް ސާފެއް ނޫނެވެ.
މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓާ ގުޅޭގޮތުން އެފަރާތްތަތަކުގެ ޚިޔާލު ހޯދުމަށް ކޮމިޓީން އެންމެ ފުރަތަމަ ފާސްކުރީ ލިޔުމުން ކޮމިޓީއަށް މިނިވަން މުއައްސަސާތަކުގެ ޚިޔާލު ހޯދާގޮތަށެވެ. ޕީއެންސީގެ މެމްބަރުން އެގޮތަށް ހުށަހަޅުއްވާ ކޮމިޓީން ފާސްކުރުމަށްފަހުގައި އެގޮތާމެދު އެމްޑީޕީގެ ޕީޖީ ލީޑަރ އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ އިބްރާހީމް ނާޒިލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނާޒިލް ވިދާޅުވީ އެހެން އަހަރުތަކުގައިވެސް ބަޖެޓާ މެދު މިނިވަން މުއައްސަސާތަކުގެ ޚިޔާލު ހޯދުމަށް އެފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަނީކަމަށެވެ. އެގޮތަށް ހެދުމުން އެކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް ފަސޭހަވެގެންދާނެކަމަށް ނާޒިލް ވިދާޅުވިއެވެ.
ނަމަވެސް ކޮމިޓީގައި ތިއްބެވި ޕީއެންސީގެ މެމްބަރުން ވަނީ ވަގުތު ކުޑަތަންވެފައިވާތީވެ އެކަން އެގޮތަށް ކުރަން ދަތިވާނެކަން ހާމަކޮށްފައެވެ. އެއާއެކު ނާޒިލު ހުށަހެޅުއްވީ މިނިވަން މުއައްސަސާތަކުން ލިޔުމުން ޚިޔާލު ހުށަހެޅުމާއެކު ކޮމިޓީއަށް ހާޒިރުވާން ބޭނުންވާނަމަ އެފުރުސަތު ދޭ ގޮތަށެވެ. އެހުށަހެޅުއްވުމަށް ފުނަދޫ ދާއިރާގެ މެމްބަރ މުހައްމަދު މަމްދޫހު ވަނީ ތާއީދުކުރައްވާފައެވެ. އަދި ކޮމިޓީން ވަނީ އެގޮތަށް ފާސްކޮށްފައެވެ.
2027 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ވަނީ 59.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ހުށަހެޅުއްވީ، މިދިޔަ އޮކްޓޫބަރު 29 ގައެވެ. މިއީ މިއަހަރަށް ފާސްކޮށްފައިވ 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅާބަލާއިރު ގާތްގަނޑަކަށް 4.5 ބިލިއަން ރުފިޔާގެ ކުޑަ އަދަދެކެވެ.