ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރީ، ކޯޗާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެން މިދިޔަ މަހު ވަކިއެއްޗެއް ނާންގައި ގައުމީ ޓީމާ ވަކިވެގެންދިޔަ މައްސަލާގައި ސަސްޕެންޑް ކޮށްފައި ހުއްޓައެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ރޮނާލްޑޯ ބުނެފައިވަނީ، ޓީމާއެކު ހޭދަކުރި ކޮންމެ ވަގުތެއް ވެސް ހޭދަކުރީ ފަހުރުވެރިކަމާ އެކުގައި ކަމަށާއި، ޓީމަށް ޓަކައި އޭނާއަށް ކޮށްދެވެން ހުރި ހުރިހާ ކަމެއްވެސް ކޮށްދީފައިވާ ކަމަށެވެ. އަދި މި އުނދަގޫ ނިންމުން ނިންމީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށްފަހުގައި ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ފަސް ފަހަރު ބެލަންޑޯ އެވޯޑުވެސް ހޯދާފައިވާ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެދިނީ 2003 ވަނަ އަހަރުއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 234 މެޗު ކުޅެދީ، 146 ލަނޑު ޖަހާފައެވެ.

މީގެއިތުރުން، ރޮނާލްޑޯގެ ވަނީ ގައުމީ ޓީމާއެކު 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް، ޔުއެފާ ނޭޝަންސް ލީގުގެ ތަށި ދެ ފަހަރު އުފުލާލައިފައެވެ. ނަމަވެސް ގައުމީ ޖޯޒީގައި ހަ ވޯލްޑް ކަޕެއްގައި ކުޅުނު ރޮނާލްޑޯއަށް އެ މުބާރާތް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމުގައި ގިނަ ބަޔަކު ދެކޭ ރޮނާލްޑޯ ކެރިއަރު ފެށީ ޕޯޗުގަލްގެ ސްޕޯޓިންއިންނެވެ. އޭގެފަހުން މެންޗެސްޓާ ޔުނައިޓެޑާއި، ރެއާލް މެޑްރިޑް އަދި ޔުވެންޓަސް ފަދަ ޔޫރަަޕްގެ ބޮޑެތި ޓީމުތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރޮނާލްޑޯ މިހާރު ކުޅެމުންދަނީ ސައުދީ ޕްރޯ ލީގުގައެވެ.