މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މަނީ ޗޭންޖިންގ ވިޔަފާރިކުރުމުގެ ލައިސަންސް ދީފައިވާ ފަރާތްތަކުގެ މަސައްކަތްތައް ޒަމާނީކޮށް ހަރުދަނާކުރުމުގެ ގޮތުން "މަނީ ޗޭންޖަރ ސިސްޓަމް" އިފްތިތާހުކޮށްފިއެވެ.

މި ސިސްޓަމް އިފްތިތާހުކޮށްދެއްވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީއެވެ.

އެމްއެމްއޭއިން ބުނީ، މިއީ މަނީ ޗޭންޖިންގ ވިޔަފާރިކުރާ ފަރާތްތަކުގެ އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތައް ޑިޖިޓަލް ކުރުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެއް ކަމަށެވެ.

އެގޮތުން މި ސިސްޓަމްގެ ސަބަބުން، އިދާރީ މަސައްކަތްތައް އޮޓޮމޭޓްކުރެވި، އެމްއެމްއޭ އާއި ލައިސަންސް އޮންނަ ފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް އަވަސްވެ ފަސޭހަކަމާއެކު ކުރެވިގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އަދި މުއާމަލާތްތައް ރިކޯޑްކުރުމަށާއި ރިޕޯޓްކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އެމްއެމްއޭއިން ބުނީ މީގެ އިތުރުން މި ސިސްޓަމް މެދުވެރިކޮށް ގަވާއިދުން ފޮނުވަންޖެހޭ މައުލޫމާތުތައް ހިއްސާކުރުމުގެ އިތުރުން، ފައިސާ މާރުކުރުމުގެ މުއާމަލާތްތަކުގެ ރިޕޯޓުތައް ހުށަހެޅޭނެ ކަމަށެވެ. އަދި މީގެ ސަބަބުން މި ދާއިރާގެ ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓުމުގައި އިތުރު ފަސޭހަތަކެއް ލިބި މާލީ ދާއިރާ އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދާނެކަމަށް ވެސް އެމްއެމްއޭއިން ބުނެއެވެ.

އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން، މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ހުރިހާ ފަރާތްތަކަކުން ވެސް މުއާމަލާތްތައް ރެކޯޑްކޮށް ރިޕޯޓް ކުރުމަށް ބޭނުންކުރާނީ މި ސިސްޓަމް ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.