ހދ. ކުޅުދުއްފުށީގެ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު ކައުންސިލުގެ އިހުތިސާސުން ވަކިކޮށް، ސަރުކާރަށް ނަގަން ނިންމައިފި އެވެ.

އެ ބިން ދައުލަތަށް ނަގަން ނިންމާފައިވާކަން ހާމަކޮށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ބުނީ، ދައުލަތަށް ނަގަނީ ކުޅުދުއްފުށީ އިންޑަސްޓްެރިއަލް ޒޯން ސަރަހައްދު ކަމަށެވެ. އެހެން ނަމަވެސް އެ ބިމުގެ ސަރަހައްދުގެ ތެރޭގައި، އެސްޓީއޯ ނޯތު ޑިސްޓްރިބިއުޝަން ސެންޓަރު ހިންގުމަށް ކުއްޔަށްދީފައިވާ ބިމެއް ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި ކޯލްޑް ސްޓޯރޭޖު ގާއިމުކުރުމަށް އަމިއްލަ ކުންފުންޏެއް ކަމަށްވާ ހޭންޑީ ހޯލްޑިންސްއަށް ކުއްޔަށް ދޫކޮށްފައިވާ ބިމެއް ހިމެނޭ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މަލީ ވުޒާރާއިން ވަނީ، އެކަމާ ބެހޭ ގޮތުން ހިޔާލެއް ނުވަތަ ޝަކުވާ ހުށަހެޅުމަށް އެއްވެސް ފަރާތަކުން ބޭނުންވާ ނަމަ، މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމަށް އެދިފައިވެ އެވެ.

އެ ވުޒާރާއިން ބުނީ، އެ ބިން ނަގަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެ އެ ވުޒަރާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، ޕޯޓު ފުޅާކުރުމުގެ މަސައްކަތްތައް ހިންގުމަށް އެ ސަރަހައްދުން ކޮންމެހެން ބޭނުންވާ ބިންތަކެއް ނެގުމަށް ކަމަށެވެ.

ސަރުކާރުގެ މަޝްރޫއުތަކަށް ބޭނުންވެއްޖެ ނަމަ، ބިން ނެގޭ ގޮތަށް ސަރުކާރުން މިފަހުން ބިމާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. އެހެން ނަމަވެސް އެ ގާނޫނު ބުނާ ގޮތުން، ކައުންސިލުގެ އިހުތިސާސް އޮންނަ ބިމެއް ނަމަ، ދައުލަތުގެ މަޝްރޫއުތަައް ހިންގޭނީ އެ މަޝްރޫއެއްގެ ފުރިހަމަ މައުލޫމާތާއި ލިޔެކިއުންތައް ކައުންސިލާ ހިއްސާކޮށް، ކައުންސިލުގެ މަޝްވަރާ އާއި ރައްޔިތުންގެ ހިޔާލު ހޯދައިގެންނެވެ.