މާލެ ސިޓީގައި ޓްރެފިކް މައްސަލަ ބޮޑުވީ ނެތް ގަރާޖަށް ސިޓީ ދޫކޮށްފައި ހުރުމުން ކަމަށް އެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

"ރައްޔިތުންގެ ބިން ރައްޔިތުންގެ ބަސް" ނަމުގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި އާންމު ރައްޔިތެއްގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މޭޔަރު އާޒިމް ވިދާޅުވީ އާންމުން ދަތުރުފަތުރު ކުރަން ގެންގުޅޭ އުޅަނދުތައް ކޮންމެ ދުވަހަކު ޓޯ ކުރަމުންދާ ކަމަށާއި ނަމަވެސް މާލޭގެ ތޮއްޖެހުމަށް ހައްލެއް ނުލިބޭ ކަމަށެވެ.

އޭނާގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު މޭޔަރު އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން 4 ފުރޮޅުލީ ވެހިކަލްތަކަށް ނެތް ގަރާޖެއް އޮތް ކަމަށް ބަލާފައި ސިޓީ ދޫކޮށްފައިވާ ކަމަށެވެ. އަދި ޓްރެފިކް މައްސަލަ ބޮޑުވެގެން ދިޔަ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމުގައި މޭޔަރު އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ހިސާބަށް ކަންތައްތައް ދިޔައީ ބަޔަކު ވަރަށް ބޮޑަށް ގޯސްކޮށް ކަންތައްތައް ކުރާތީ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ނެތް ގަރާޖަށް ކާރު ކާރު ސިޓީ ވިއްކި މައްސަލަތައް ބެލުމަށް މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުންގެ އިދާރާ ހަރުދަނާވެ ވަރުގަދަވާން ޖެހޭ ކަމަށާއި މި ޖަރީމާތައް ހިންގި މީހުންނަށް އަދަބު ދޭން ޖެހޭ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.

ކުށް ކުރާ މީހުންނަށް އަދަބު ނުދޭ ކަމުގައިވާނަމަ މައްސަލަތައް ހައްލުނުވާނެ ކަމަށް ވިދާޅުވެ މޭޔަރު އާޒިމް ވަނީ ޓްރެފިކް މައްސަލަ ވެސް ހައްލު ނުވެ އޮތީ މިހެންވެކަން ފާހަގަކުރައްވާފައެވެ.