ގައިގަޔަށް ނާރާ ބަލިތައް އިތުރުވާ މިންވަރަށް ބަލައި، މިހާރު ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ހެލްތު އެންޑް ފެމިލީ އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، އެކްސްޕޯގެ މައިގަނޑު ބޭނުމަކީ ސިއްހީ އިޖުތިމާއީ ހިދުމަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމާއެކު، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި ބަދަހި އިޖުތިމާއީ ގުޅުމެއް ގާއިމްކުރުމަަށް ހިންގޭނެ ހަރަކާތްތަކާއި މައުލޫމާތު އެކްސްޕޯގެ ތެރެއިން ފޯރުކޮށްދޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުށް މަސައްކަތް ކުރުން މުހިންމުކަމަށާއި، އެހެންކަމުން އެކަމަށް އާންމު ދިރިއުޅުމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި ހެޔޮ ބަދަލުތައް ގެންނަން ވަނީ މަޖުބޫރުވެފައި. ކަސްރަތު ކުރުމާއި ރަނގަޅު ކާނާ ބޭނުންކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހަދަންޖެހޭ. މީގެ އިތުރުން އާއިލީ ދުޅަހެޔޮކަން އިތުރު ކުރުމާއި، އެކި އުމުރުފުރާގެ މީހުންގެ މެދުގައި އެއްބައިވަންތަކަން އިތުރު ކުރުމަށް މަސައްކަތް ކުރަންޖެހޭ. އަދި ފުރިހަމަ ސިއްހަތެއްގައި ނަފްސާނީ ދުޅަހެޔޮކަން މަތީގައި ދެމިތިބުމަށް މަސައްކަތް ކުރުމަކީ، އަޅުގަނޑުމެން ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް."

ވަޒީރު ގީލާ އަލީ

ވަޒީރު އިތުރަށް ވިދާޅުވީ، ކުރީގެ އަހަރުތަކާއި އަޅާބަލާއިރު މިއަހަރުގެ އެކްސްޕޯގައި ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެކަތިގަނޑަކަށްވެ، މަސައްކަތް ކުރަން ތައްޔާރަށް ތިބި މިންވަރު ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި އެކްސްޕޯގައި މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމުއިއްޔާ ޖަމާއަތްތަކުން ބައިވެރިވި މި މައުރަޒުގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ކަމާގުޅުންހުރި އެކި މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ މަޢުލޫމާތުވެސް ފޯރުކޮދޭނެއެވެ.

"ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިޢާރުގެ ދަށުން، ހުރިހާ ޢުމުރުފުރައެއްގެ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ މި މައުރަޒު ކުރިއަށްދާނީ މި މަހުގެ 5 އިން 7 އަށެވެ.