ހެލިކޮޕްޓަރުގައި ހަރުކުރާ 90 މިސައިލް ލޯންޗަރު އީރާނަށް ދިނުމަށް ރަޝިޔާއިން އެއްބަސްވެއްޖެއެވެ.
މިކަން ހާމަވެފައި ވަނީ ރަޝިޔާއާއި އީރާނުގެ އަސްކަރިއްޔާއާ ދެމެދުވެފައިވާ އެއްބަސްވުން ހިމެނޭ ލިޔެކިޔުންތަކެއް ލީކުވުމުންނެވެ.
ޔުކްރެއިންގެ އަމިއްލަ އިންޓެލިޖެންސް ފާމެއް ކަމަށްވާ "ޑެލަސް އެނަލިޓިކްސް" އިން ހޯދައި، "ދަ ގާޑިއަން" ނޫހާ ހިއްސާކޮށްފައިވާ ޑިފެންސް އިންޑަސްޓްރީގެ ލީކުވެފައިވާ ލިޔެކިޔުންތަކުން ދައްކާގޮތުގައި، ޒަމާނީ ގައިޑެޑް މިސައިލް ފޮނުވާލާ 90 ލޯންޗަރު އީރާނަށް ފޯރުކޮށްދިނުމަށް ރަޝިޔާއިން ވަނީ އެއްބަސްވެފައެވެ. މި ލިޔެކިޔުންތަކުގައިވާގޮތުން، 2022 ވަނަ އަހަރު ރަޝިޔާއިން ޔުކްރެއިނަށް އަރައިގަތް ފަހުން، އެ ޤައުމުގެ ހަނގުރާމަވެރި ހެލިކޮޕްޓަރުތަކުން ޔުކްރެއިންގެ އަމާޒުތަކާ ދެކޮޅަށް ވަރަށް ފުޅާދާއިރާއެއްގައި ބޭނުންކުރަމުންދާ "އެލް.އެމް.ޔޫ.އާރް"ކިޔާ ގައިޑެޑް މިސައިލް ހަރުކުރާ ލޯންޗަރުތައް އީރާނަށް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.
ރަޝިޔާގެ މިސައިލާއި ލޯންޗިންގ ސިސްޓަމްތައް ފަރުމާކުރާ އެންމެ އިސް އެއް ކުންފުނި ކަމަށްވާ "ވިމްޕެލް" އިން 2024 ވަނަ އަހަރުގެ މެއި މަހު އެކުލަވާލާފައިވާ އުފެއްދުންތަކުގެ ތާވަލެއްގައިވަނީ، "ކޭ-10" ގެ ނަމުން ނަންދީފައިވާ އެކްސްޕޯޓް ކޮންޓްރެކްޓެއްގެ ދަށުން 90 ލޯންޗަރު އޯޑަރުކޮށްފައިވާކަން ފާހަގަކޮށްފައެވެ. ވަކިން ހުރި އެތެރޭގެ ލިޔެކިޔުންތަކުން "ކޭ-10" އަކީ ސީދާ އީރާނު ކަމަށް ސަރީޙަކޮށް ބަޔާންކޮށްފައިވެއެވެ.
މި ލޯންޗަރުތައް އެންމެ ފަހުން ހަވާލުކުރިތޯ ނުވަތަ ނޫންތޯ މި ލިޔެކިޔުންތަކުން ކަށަވަރެއް ނުވެއެވެ. ނަމަވެސް، 2023 ވަނަ އަހަރު އީރާނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ "ޔަކް-130" ޖެޓް ޓްރެއިނަރުގެ ހަތަރު ބޯޓެއް ލިސްޓުކޮށްފައިވާ ވަކި އުފެއްދުންތަކުގެ ތާވަލެއް، އާންމުކޮށް ރިޕޯޓުކޮށްފައިވާ އެފަދަ ބޯޓުތައް ފޯރުކޮށްދީފައިވާ މިންވަރާ ދިމާވެއެވެ.
އެމެރިކާގެ މިޑްޓަރމް އިންތިޚާބަށްފަހު، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ދެން އަޅާނެ ފިޔަވަޅުތަކާމެދު ވޮޝިންޓަނުން ވިސްނަމުންދާ މި ފަދަ ނާޒުކު ދަނޑިވަޅެއްގައި، މި ލިޔެކިޔުންތަކުން ވަނީ ރަޝިޔާއާއި އީރާނުގެ އަސްކަރީ އެއްބާރުލުމުގެ ފުންމިން ހާމަވެގެން ގޮސްފައެވެ.
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަށް ހުރަސްއެޅުމާއި، ޚަލީޖުގެ އެކި ސަރަޙައްދުތަކުގައި ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މާކެޓުގައި ތެލުގެ އަގު މައްޗަށް ދިއުމަކީ، ރަޝިޔާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ދެކެއެވެ. މިއީ މޮސްކޯއަށް ސްޓްރެޓީޖީ އަދި އިޤްތިޞާދީ ފައިދާތަކެއް ގެނެސްދިން ކަމެކެވެ. ތެލުން ލިބޭ އާމްދަނީ މަތިވުމުގެ ސަބަބުން ކްރެމްލިންއަށް ޔުކްރެއިންގެ ހަނގުރާމައަށް އިތުރު ފައިސާ ހޯދުމުގެ މަގު ފަހިވެ، ރަޝިޔާގެ ދަތިވެފައިވާ ބަޖެޓަށް ލިބިފައިވާ ބާރުބޮޑުވުން ކުޑަވުމަށް އެހީތެރިވެދޭނެއެވެ. އަދި މި ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤްވާމީ ސަމާލުކަމާއި ހުޅަނގުގެ އަސްކަރީ ވަސީލަތްތައް ޔުކްރެއިނާ ދުރުވެ، ޔުކްރެއިނަށް ކޮންމެހެން ބޭނުންވާ އެމެރިކާގެ ޕެޓްރިއަޓް ވައިގެ ދިފާއީ އިންޓަރސެޕްޓަރުތައް ލިބުމަށް އިތުރު ދަތިތަކާ ކުރިމަތިލާންޖެހިފައިވެއެވެ.