ކުޑަކުއްޖަކަށް ދިމާވާ އެއްވެސް ކަމަކާ ގުޅިގެން އެކުދިންގެ ކަރާމާތަށް އުނިކަން އަންނަފަދަ ޒާތީ މައުލޫމާތު އާންމު ނުކުރުމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން އަންގައިފިއެވެ.
އެ ވުޒާރާއިން މިގޮތަށް އެންގީ، އިތުބާރުކުރެވޭ މަޤާމެއްގައި ހުރި ފަރާތެއް ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހިމެނޭ ކުއްޖާގެ ކަރާމަތަށް ގެއްލުންވާނެގޮތަށް ދައުރުވަމުންދާ މައުލޫމާތުތަކާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނީ، ގާނޫނުއަސާސީގެ ދެވަނަ ބާބުގެ 35 ވަނަ މާއްދާގައި ކުޑަކުދިންނަކީ އާއިލާގެ ފަރާތުންނާއި، ޖަމާއަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭ ބައެއްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް، ގަނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް ރިއާޔަތްކޮށް އެކުލަވާލެވިފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާ ހިލާފަށް ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް އެކުދިންގެ ޒާތީ މައުލުމާތު މީޑިއާގެ އެކިއެކި މަންސަތަކުގައި ހާމަކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.
ވުޒާރާއިން ބުނީ އެ ގާނޫނުގެ 33 ވަނަ މާއްދާގައި، ކުޑަކުދިންގެ ކަރާމާތަށް އެއްވެސް އުނިކަމެއް އަންނާނެގޮތަށް އެކުދިންގެ ޒާތީ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމަކޮށްގެން ނުވާނެކަމަށް ބަޔާންކޮށް، ކުޑަކުދިންގެ ތެރެއިން ކުށުގެ ތުހުމަތެއް ކުރެވިފައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި، އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިން ހާއްސަކޮށް، އެކުދިންގެ ނަމާއި، އެޑްރެހާއި، ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް، އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިޢުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވަނީ އެކުދިންގެ މަސްލަހަތު ރައްކާތެރިކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
އެހެންކަމުން، ކުއްޖަކަށް ދިމާވާ އެއްވެސްކަމަކާ ގުޅިގެން، އެކުއްޖާގެ މައުލޫމާތު އާންމުން ކަންކަމާ މެދުގައި ދެކޭގޮތަށް ނުފޫޒުފޯރުވުމުގެ މަގުސަދުގައި ނުވަތަ އެނޫންވެސް ބޭނުމެއްގައި މީޑިއާގެ އެކި މަންސަތަކުގައި އެކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނާނެހެން މައުލުމާތު އާންމުކުރުމަކީ ކުޑަކުއްޖެއްގެ ހައްގަކަށް އަރައިގަތުމުގެ އަމަލެއް ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ، މުޅި މުޖުތަމައުގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެއްކަމުގައިވާތީ، މިފަދަ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން އާންމު ނުކުރުމަށް އެ ވުޒާރާއިން ވަނީ އަންގާފައެވެ.