ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ، ކަރަންޓު ކެނޑި ގެއްލުންތަކެއް ވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން މައުލޫމާތު ދިން ގޮތުގައި ރަށުގެ ރައްޔިތުންނާއި ރަށު ކައުންސިލް ގުޅިގެން ދަނީ ފެންހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ޕަންޕާއި ގެތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ތައްޔާރުކުރުމަށް ބޭނުންވާ ގޯނި ހިފައިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑުން އެރަށަށް ދަތުރުކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
ފުލުހުން މައުލުމާތުދިން ގޮތުގައި ކޮލަމާފުއްޓަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، 45 ގެއަކަށާއި އެ ރަށު ސިއްހީ މަރުކަޒަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބުމާ ގުޅިގެން ފުލުހުން ދަނީ ރައްޔިތުންނަށާއި އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ސިއްހީ މަރުކަޒުގައި ފެންބޮޑުވުން ކޮންޓްރޯލްކުރުމުގެ މަސައްކަތުގެ އިތުރުން، އެކަނި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށާއި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަން އެ އިދާރާއިން ވަނީ ބުނެފައެވެ.