މާލެ ސިޓީ ކައުންސިލުން މާލޭގެ ދުރުރާސްތާ ތަރައްޤީގެ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން ތަންފީޒު ކުރުމަށް ތައްޔާރުވަމުން ދަނިކޮށް، ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް އިސްލާހުތަކެއް ގެނައުމަށްފަހު ކައުންސިލުގެ ގިނަ ބިންތަކެއް ޤާނޫނާ ޚިލާފަށް ސަރުކާރަށް ނަގަން ނިންމާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
ޢާޒިމް މިހެން ވިދާޅުވީ "ރައްޔިތުންގެ ބިން ރައްޔިތުންގެ ބަސް" މި ނަމުގައި މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބުރާސްފަތި ދުވަހުގެ ރޭ މާލެ ސިޓީ ހޯލުގައި ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޢާޒިމް ވިދާޅުވީ، ސަރުކާރުން އިސްވެ މާލެ ސިޓީ ތަރައްޤީ ކުރުމުގެ ނަމުގައި ކައުންސިލުގެ މިލްކިއްޔާތުން މި ބިންތައް ނަގަން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ. އަދި ކައުންސިލުގެ އަމިއްލަ ރަޖިސްޓްރީ ހެދިފައިވާ ބިންތައް ނެގުމުގައި ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި، ނަމަވެސް އެ ކަންކަމަށް ބެލުމެއްނެތި ކައުންސިލުގެ ބިންތައް ސަރުކާރަށް ނަގާނެކަން އަންގާފައިވާ ކަމަށް ޢާޒިމް ވިދާޅުވިއެވެ.
މި މައްސަލަ މިހާރު ކައުންސިލުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް ޢާޒިމް ހާމަކުރެއްވިއެވެ.
މީގެއިތުރުން، ގެނެވުނު މި ކުއްލި ބަދަލުތަކުގެ ސަބަބުން ކައުންސިލްގެ އާމްދަނީ ފަންޑަށް 2027 ވަނަ އަހަރު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީން ގާތްގަނޑަކަށް 80 އިންސައްތަ އުނިވެގެންދާނެ ކަމަށް ޢާޒިމް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ މިފަދަ ސިޔާސަތުތަކުގެ ސަބަބުން، ކައުންސިލުގެ މައްޗަށް ލާޒިމުކޮށްފައިވާ ޤާނޫނީ ޒިންމާތައް އަދާކުރުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.