ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 'ބޭންކް ފަންޑު' ގެ އެހީތެރިކަމާއެކު، ކަސްރަތާއި ހިތުގެ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމަށްޓަކައި 'ޓައިނީ ހާޓްސް އޮފް މޯލްޑިވްސް' އިން ކުރިއަށްގެންދިޔަ "ހާޓް ހެލްތީ ރާއްޖެ" ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

"ހާޓް ހެލްތީ ރާއްޖެ" ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފި
"ހާޓް ހެލްތީ ރާއްޖެ" ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފި

ބީއެމްއެލްއިން މައުލޫމާތު ދިން ގޮތުގައި ރާއްޖޭގެ 'ފިޒިކަލް އެކްޓިވިޓީ ގައިޑްލައިން (2022)' ގެ މައްޗަށް ބިނާކޮށް، މި ޕްރޮޖެކްޓްގެ ދަށުން ތަފާތު އުމުރުފުރާތަކަށާއި، ޖިސްމާނީ ގާބިލިއްޔަތު ހުރި މިންވަރަށް ރިއާޔަތްކޮށް ކަސްރަތު ކުރާނެ ގޮތުގެ 10 ވީޑިއޯއެއް ވަނީ ތައްޔާރުކޮށްފައެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި، ތުއްތު ކުދިންނާއި، މާބަނޑު މީހުންނާއި، ބޮޑެތި މީހުންގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ވީޑިއޯތައް ހިމެނޭކަން ބީއެމްއެލްއިން ފާހަގަކުރެއެވެ.

މި ވީޑިއޯތައް މިހާރު ޓައިނީ ހާޓްސްގެ ވެބްސައިޓުންނާއި އެކަމަށް ހާއްސަކޮށްފައިވާ އިންސްޓަގްރާމް ޕޭޖުން ބަލާލެވެން ހުންނާނެ ކަމަށާއި، އެ ވީޑިއޯތައް ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ މަގު ފަހިކުރުމަށްޓަކައި އެ ވީޑިއޯތައް ޑައުންލޯޑް ކުރެވޭނެ ގޮތް ވެސް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މި ޕްރޮޖެކްޓްގެ މައިގަނޑު މަގްސަދަކީ ކަސްރަތު ކުރުމުގެ ފުރުސަތު އެންމެންނަށް ފަހިކޮށްދީ، ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ ގައުމީ މަސައްކަތުގައި ބައިވެރިވުމެވެ.

ބީއެމްލްގެ ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ހުޅުވާލައިގެން ބީއެމްއެލްއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ ހިލޭ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ކޮންމެ އަހަރަކު ވެސް ފަސް މަޝްރޫއެއް ހޮވައި، މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމަށް އެއިން ކޮންމެ މަޝްރޫއަކަށް 200,000 ރުފިޔާގެ އެހީ ފޯރުކޮށްދޭ ކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.