ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އިން ބުނެފިއެވެ.

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން 2026 ނޮވެންބަރު 7 އިން 11 އަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އިން ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން، އެންމެ ފަހުގެ މޫސުމީ މައުލޫމާތުތަކަށް ސަމާލުވުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހުރިހާ ފަރާތްތަކަށް މެޓް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ގދ. ފަރެސްމާތޮޑާ އަށެވެ. އެގޮތުން އެރަށަށް 104.6 މިލިމީޓަރގެ ވާރޭ ވެހުނުއިރު، ނ. މާފަރަށް 78.6 މިލިމީޓަރ އަދި އއ. ތޮއްޑޫއަށް ވަނީ 65.6 މިލިމީޓަރގެ ވާރޭ ވެހިފައެވެ.

އޭގެ އިތުރުން މެޓް އޮފީހުން ވަނީ ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް، 16:00 އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ.

މެޓް އިން އާންމު ކުރި މައުލޫމާތުގައި ވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން، އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އިން ވަނީ ލަފާކޮށްފައެވެ.

މެޓް އިން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 2-5 ފޫޓު ހުންނާނެ ކަން މެޓް އިން ވަނީ ލަފާކޮށްފައެވެ.