ރ. ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އެ ރަށުން ދެ މީހަކު މި މަހުގެ ހަތަރު ވަނަ ދުވަހު ހައްޔަރުކޮށްފިއެވެ.
ދުވާފަރު ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހިންގި މި އޮޕަރޭޝަނުގައި އެ ރަށު ގެއެއް ބަލައިފާސްކުރިއެވެ. ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 65 ސެލޯފިންކޮޅު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. ދުވާފަރު / ކަބީލާއާގެ، އުމުރުން 26 އަހަރުގެ ހާޖަރާ މާއިސާ ޢަލީ އާއި ރ. ދުވާފަރު / ދަފްތަރު ނަންބަރު 0235، އުމުރުން 33 އަހަރުގެ ޢަބްދުﷲ ޢަލީ އެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހާޖަރާ މާއިސާ ޢަލީ ހަތްދުވަހަށް އަދި ޢަބްދުﷲ ޢަލީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.