ވޭތުވެދިޔަ ހަފުތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކަލުގެ 17 ހާދިސާއަކަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފުން އެކްސްގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ހަފުތާ އާދިއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާތަކުގެ 17 ހާދިސާއަކަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސް، އެފްއާރްއެސް އިން ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ޑިޒާޒްސްޓަރ އިންސިޑެންޓް، އަލިފާނުގެ ހާދިސާއާއި ނުރައްކާތެރި މާއްދާއެއް އެކުލެވޭ (ހެޒްމަތް) 4 ހާދިސާއެއް ހިނގާފައިވާ ކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ.

މީގެ އިތުރުން ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވާ ހާދިސާތަކަށް ބަލާލާއިރު، އެލާމް ގެ 1 ހާދިސާގެ އިތުރުން 2 ރެސްކިއު އޮޕަރޭޝަން ގައި އެމްއެންޑީއެފްއިން ވަނީ ހަރަކާތްތެރިވެފައެވެ. އަދި އެހެނިހެން ބާވަތުގެ 2 ހާދިސާވެސް މި މުއްދަތުގެ ތެރޭގައި ހިނގާފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނަ ހާދިސާ ހިނގާފައިވަނީ މާލެ ސަރަހައްދުގައެވެ. އެގޮތުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ޖުމުލަ 14 ހާދިސާއެއްގައި ހަރަކާތްތެރިވެފައިވެއެވެ.

ހަމަމިއާއެކު، ސަދަން އޭރިއާ ކޮމާންޑުން ކޮންމެ ސަރަހައްދަކުން 3 ހާދިސާއެއްގައި އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކުއްލި ނުރައްކަލުގެ މިފަދަ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އަންނަނީ ހުއްޓުމެއް ނެތި ރެޔާއި ދުވާލު ހަރަކާތްތެރިވަމުން ކަމަށް އެ މުއައްސަސާއިން ބުނެ އެވެ.