ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުޙައްމަދު އައިމަން އިސްމާޢީލްގެ ބަންދަށް 30 ދުވަސް އިތުރުކޮށްފިއެވެ.

އައިމަން ހައްޔަރުކުރީ މި މަހުގެ 3 ވަނަ ދުވަހެވެ.

ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވީ، އައިމަންގެ ބަންދަށް 30 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގު ގާތްގަނޑަކަށް އޮތީ ނިމިފައި ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހާ މަޝްވަރާކުރުމަށްފަހު މިހާރު ކުރިއަށް ދަނީ ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު އެ އިދާރާއަށް ފޮނުވުމުގެ މަސައްކަތް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.