ފުލުހުންގެ ޚިދުމަތަކީ ހަމައެކަނި ހަށިގަނޑު ވަރުގަދަކޮށް ޖިސްމާނީ ބާރު ދައްކާ ބައެއްގެ ގޮތުގައި އޮންނަ ކުށްހީ ބަދަލުކުރަންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށް އިސްކަންދަރު ކޮށީގައި މިއަދު ފެށި "އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026" ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
"ފްރޮމް ނޮލެޖް ޓޫ އެކްޝަން: ބިލްޑިންގ ސޭފަރ ކޮމިއުނިޓީސް ޓުގެދަރ" ގެ ޝިއާރުގެ ދަށުން ނޮވެމްބަރު 8 އިން 10 އަށް ކުރިއަށްދާ މި ކޮންފަރެންސަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އަދި ސްޓްރެޓީޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސަސް ގުޅިގެން، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިސްނެންގެވުމަށް ބާއްވާ ކޮންފަރެންސެކެވެ.
ކޮމިޝަނަރުގެ ވާހަކަފުޅުގައި، މުޖުތަމައަށް އަންނަ ބަދަލުތަކާއެކު ފުލުހުންގެ ފަލްސަފާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން، މިއަދުގެ ޒަމާނީ ފުލުހުންގެ މަސައްކަތް ބިނާވެގެންވަނީ ކުށް ހިންގުމުން ހަމައެކަނި ރެސްޕޮންޑްކޮށް ތަހުގީގު ކުރުމުގެ މައްޗަށް އެކަނި ނޫން ކަމަށާއި، ކުށް އުފެދެން މެދުވެރިވާ އިޖުތިމާއީ، އިގުތިސާދީ އަދި ނަފްސާނީ އަސްލު ސަބަބުތައް ހޯދައި ދެނެގަތުމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކުގެ އަޑިއަށް ވާސިލުވެވެނީ އެކަޑެމިކް ރިސާޗާއި "އެވިޑެންސް ބޭސްޑް ޕޮލިސިންގ" ތިއަރީތައް އަމަލީ މައިދާނުގައި ތަންފީޒުކޮށްގެން ކަމަށް ސީޕީ ވިދާޅުވިއެވެ.
ފުލުހުންނަކީ ހަމައެކަނި ހަށިގަނޑު ވަރުގަދަކޮށް ޖިސްމާނީ ބާރު ދައްކާ ބައެއްގެ ގޮތުގައި އޮންނަ ކުށްހީ ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވައި ކޮމިޝަނަރު ވިދާޅުވީ، މިއަދުގެ ގާބިލު ފުލުހެއްގެ ކިބައިގައި މުހިންމު ތިން އަސާސެއް ފުރިހަމަވާންޖެހޭނެ ކަމަށެވެ. އެއީ އިލްމީ ގާބިލުކަމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން ވިސްނުންތޫނުކަމާއެކު ޖިސްމާނީ ދުޅަހެޔޮކަން ހުރުންކަމަށް ސީޕީ ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތަކީ ހަމައެކަނި ޖިސްމާނީ ބާރު ބޭނުންކުރުމާއި މަގުމަތީގައި ތިބޭ ތިބުމަށް ބިނާވެފައިވާ ކަމެއް ނޫން ކަމަށް ސީޕީ ވިދާޅުވިއެވެ. ކުށްމަދުކުރުމަށް ހަމައެކަނި ބާރުގެ ބޭނުންކުރި ޒަމާން މާޒީވެ، މިއަދުގެ ފުލުސް އޮފިސަރުންނަކީ އިލްމީ ދިރާސާތަކުގެ އަލީގައި ނަތީޖާ ނެރޭ "އިންޓެލެކްޗުއަލް ޕްރެކްޓިޝަނަރ" އަކަށް ވާންޖެހޭ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
މި މަހާސިންތާގެ ތެރެއިން ހުށަހެޅިގެންދާ ދިރާސީ ކަރުދާސްތަކަކީ ހަމައެކަނި އިލްމީ ބަހުސެއްގެ ގޮތުގައި ނިންމާލާނެ އެއްޗެއް ނޫން ކަމަށް ސީޕީ ވިދާޅުވިއެވެ. މި ކަރުދާސްތަކުން ލިބޭ މައުލޫމާތާއި ހޯދުންތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި ކުރިމަގުގެ ސްޓްރެޓީޖިކް މިސްރާބު ބައްޓަންކުރުމުގެ މައިގަނޑު އަސާސް ކަމުގެ ޔަގީންކަން ކޮމިޝަނަރ ދެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ކޮމިޝަނަރ ވަނީ، މި މަސައްކަތް ކުރުމުގައި ދަތިތަކެއް ހުރި ނަމަވެސް އެއީ ލަނޑުދަނޑި ހާސިލުކުރުމަށް އޮތް ހުރަހަކަށް ވިޔަނުދެއްވައި، މަސައްކަތުގެ ފޯކަސް ނުގެއްލޭނެހެން ކޮންފަރެންސްގެ ބަހުސްތައް ކުރިއަށްގެންގޮސް، ރައްޔިތުންނަށް ދެވޭ ހިދުމަތް މިހާރަށްވުރެ ފުރިހަމަކުރުމަށް ހުރިހާ ބައިވެރިން އެކުގައި މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.