ވ. ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް، ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް އެރި 'ކީސާ' ދޯނީގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގެ މަޢުލޫމާތު ރޭ 23:51 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ދަތުރުކޮށްފައެވެ.
އެގޮތުން، ރޭގެ 02:37 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން އެ ދޯނި އޮތް ސަރަހައްދަށް ގޮސް، ދޯނިން ދަތުރުކުރަމުންދިޔަ ދިވެއްސަކާއި، ތިން ބިދޭސީން ވަނީ ސަލާމަތްތެރިކަމާ އެކު ހާބަރކްރާފްޓަށް ނަގާފައެވެ. އަދި، އެ ދޯނީގެ ވެރިިފަރާތުން ގެނައި "އޯސަން ރައިޑް" ދޯނި 03:37 ހާއިރު އެ ސަރަހައްދަށް އައުމުން، މި ފަޅުވެރިން އެ ދޯންޏަށް ބަދަލުކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މި ހާދިސާގައި އެ ދޯނީގެ ބިދޭސީ ފަޅުވެރިއެއްގެ ވައަތު ފަޔަށް އަނިޔާއެއް ވެފައިވާތީ އެ މީހާ އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.